އިހަވަންދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އިހަވަންދޫގައި މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ޞިއްޙީ ނިޒާމަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިސްކަންދިން އެއްކަންތައް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި މުޅިރާއްޖޭގައި ޞިއްޙީ ނިޒާމަށް ގެނެސްދެއްވި ތަރައްޤީ މހިނގާ ިފަސްއަހަރު އޭގެ އަނެއްކޮޅަށް ބަދަލުވެގެން ގޮސްފައިވާތަން ފެންނަކަމަށެވެ.
"މިރަށަކީ އާބާދީގެ ގޮތުންބަލާއިރު ވަރަށްގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް. ހަތަރުހާހެއްހާ ރައްޔިތުން އުޅެމުންދާއިރުގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް މިތަނުގައި ޤާއިމުކުރެވިފައެއް ނެތް. އެހެންވީމާ، އެކަމަކީ އަޅުގަނޑުހިތުން އެއްވެސް ބަޔަކު ސުވާލުވެސް ކޮށްގެންވާނެކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިހަވަންދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހަމަ އެންމެ އިސްކަމެއްދީގެން ފުރަތަމަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށައިގަންނާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އިހަވަންދޫއަކީ މަގުތައް ހެދިފައިނެތް އާބާދީ ބޮޑު ރަށެއް ކަމަށާއި، ރަށް ތަރައްޤީކުރުމަށް މަގުތައް ހެދުމަކީ ކޮންމެހެންވެސް ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އަދި މަގުތައް ހެދުމަކީ އޭގެ ސަބަބުން އިޤްތިޞާދީ މަސައްކަތްތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭލަކަމެއް ކަމަށާއި، މަގުތައް ރަނގަޅަށް ހެދުމުގެ ސަބަބުން ޢާއްމު ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ފަސޭހަތައް ވެގެންދާނެ ކަމަށެވެ.
"އެހެންވީމާ އެނގިވަޑައިގަންނަވާނެފަދައިން ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެ އެތައް ރަށެއްގައި މަގުހެދުމުގެ މަސައްކަތް ކޮށްފައިވޭ. މަގުހެދުމަކީ އަޅުގަނޑުމެންނަށް ފަރިތަކަމެއް، އެހެންވީމާ ޔަޤީންކުރައްވާ މިރަށުގެ މަގުތައް އަޅުގަނޑުމެން ހަދައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ، ރަނގަޅު ގޮތަކަށް އިހަވަންދޫގެ ކުނި މެނޭޖްކުރެވޭނެގޮތް ހަމަޖައްސަވާނެ ކަމަށާއި، އެރަށުގައިވެސް ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ގެދޮރު ބިނާކުރުމުގެ މަޝްރޫއުތައް ހިންގައިދެއްވާނެ ކަމަށެވެ.

"ޒުވާނުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވާންޖެހޭ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭނީ ގެދޮރުވެރިކަމުގެ ހިތްހަމަޖެހުން ލިބިގެން، ވަޒީފާގެ ފުރުޞަތުތައް ޔަޤީންކުރެވިގެން، ރަނގަޅު ޞިއްޙީ ވަސީލަތްތައް ފަހިވެގެން، ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ޤާއިމުކުރެވި އޭގެ ނަފާ ލިބިގެން. އެހެންވީމާ މިރަށުގައިވެސް ކުޅިވަރަށް ހާއްޞަކޮށްގެން ކުޅިވަރު ކުޅުމަށްޓަކައި ޒުވާނުންގެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން." އާބާދީގެ 50 އިންސައްތައަކީ ޒުވާނުންކަމަށް ވިދާޅުވެ އުއްމީދު ވައުދުވަމުން މުއިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ތަރައްޤީ ގެނެސްދެއްވާނީ "ތަރައްޤީގެ ފިކުރުގެ މީހުން ކަމަށާއި، ދިވެހި ރައްޔިތުންނަށް ތަރައްޤީ ހާސިލުކޮށްދެއްވާނެކަމަށް" މުއިއްޒު މިރޭ ވިދާޅުވިއެވެ.



