ބައިނަލްއަޤްވާމީ މެޗުތައް ކުޅެވޭވަރަށް ދިއްދޫ ފުޓްބޯޅަދަނޑު ތަރައްޤީކޮށްދޭނަން: މުއިއްޒު

ބައިނަލްއަޤްވާމީ މެޗުތައް ކުޅޭވަރަށް ދިއްދޫ ފުޓްބޯޅަދަނޑު ތަރައްޤީކޮށްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ހއ. ދިއްދޫގައި ބޭއްވި އެ ކޯލީޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ޒުވާނުންނަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި އެންމެ އިސްކަމެއްދޭފަރާތްތައް ކަމަށާއި، އެމަނިކުފާނުގެ ފުރަތަމަ ދައުރުގައިވެސް އެންމެ އިސްކަމެއް ދިނީ ޒުވާނުންނަށް ކަމަށާއި ޒުވާނުންގެ ވަޒީފާއާއި، ޒުވާނުންގެ ކުޅިވަރު ކުޅުމުގެ ވަޒީސަލްތަތައް ޤާއިމުކުރުމުގެ އިތުރުން ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަކީ ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވާ ކަންތައްތައް ކަމަށެވެ.

"މިރަށުގެ ރައްޔިތުންނަށް ޒުވާނުންނާއި އެކި އުމުރުފުރާގެ ފަރާތްތަކަށް ކުޅިވަރު ކުޅުމަށްޓަކައި ޤާއިމުކުރަންޖެހޭ އެކި ވަސީލަތްތައް ޤާއިމުކުރުމުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެކަމަށް އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭނެވާހަކަ. ކުރީގައި މިދާއިރާގެ އިއްޒަތްތެރި މެންބަރު ލަތީފްބެ އަޅުގަނޑު ކައިރީގައި އަބަދުވެސް ދަންނަވާ ފުޓްބޯޅަ ދަނޑުގެ ވާހަކަ. ކައިރި ޤައުމުތަކުގެ ކުޅުންތެރިންވެސް ކުޅޭ ފެންވަރުގެ، އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހަދައިދޭންވާނެ ވާހަކަ ވިދާޅުވޭ. އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ ޒުވާނުންނަށް މިރަށުގައި އެފެންވަރުގެ ޒަމާނީ ފުޓްބޯޅަ ދަނޑެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަމޭ. އެއީ ރައްޔިތުން ބޭނުންވާ ގޮތް، ދެން އެކަމަކީ އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ،ސަރުކާރެއް ވާންޖެހޭނީ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރަކަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ސަރުކާރާ ގުޅުންކެނޑުނީމާ ސަރުކާރެއްގެ ބޭނުމެއް ނެތް ކަމަށާއި، މިހާރު ކަން ހިނގަމުންދަނީ ސަރުކާރު ވަކިން، ރައްޔިތުން ވަކިން ކަމަށެވެ.

"ރައްޔިތުން ބޭނުންވާކަމެއް ސަރުކާރަކުން މިހާރަކު އަހަނީކީ ނޫން، ތަރައްޤީ ގެންނަނީ ރައްޔިތުން ބޭނުންވާގޮތް ބަލައިގެނެއް ނޫން، އެހެންވާންވީމައެއް ކަމަކު ނުދާނެ. ރައްޔިތުންގެ ވިންދާއި ސަރުކާރާއި ގުޅެންޖެހޭނެ، ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭނެ. ރައްޔިތުންގެ ކިބައިން ސަރުކާރު އުފެދިގެން އަންނަނީ، އެއީ ކަންކަން ހަމަމަގުން ގެންދާން ޖެހޭނެ ގޮތަކީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ދިއްދޫގައި ހުރި ސްޕޯޓްސް އެރީނާ ނުވަތަ ކުޅިވަރު ވަސީލަތްތައްވެސް ވީރާނާވަމުންދާ ކަމަށާއި، އެ ހުރިހާތަނެއް ރަނގަޅު ފެންވަރަކަށް ހެދުމަކީ ޒުވާނުންނަށްޓަކައި ކުރެވޭނެ ކަންކަން ކަމަށެވެ.

"މުޅި ރާއްޖޭގައިވެސް އެބަފާހަގަވޭ ރައީސް ޔާމީން ވެރިކަމުގައި ޤާއިމުކުރެވިފައިހުރި ފުޓްބޯޅައާއި އެކި ކުޅިވަރުތައް ކުޅުމަށް ޤާއިމުކުރެވިފައިހުރި ތަންތަން ވީރާނާވަމުން އެދަނީ. ވީރާނާވަމުންދަނީ ނުބެލެހެއްޓޭތީ، ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭތީ، އެހެންވީމާ އަލުން ބަލުން މިޖެހެނީ އެކަންކަން ކުރަން. އަނެއްކާ މިޖެހެނީ ކުރިން ކުރި ޚަރަދުކުރަން، މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން މިފެންނަނީ ފަސް އަހަރު ނިމިގެންދާއިރު މި މަންޒަރު. ރާއްޖޭގެ ރަށްތަކަށް ކޮށްފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޒުވާނުންނާ ގުޅިފައިހުރި ކުޅިވަރުގެ ވަސީލަތްތައް ހަލާކުވަމުން އެދަނީ، ވަރަށް ހިތާމަހުރި ކަމެއް. އެހެންވީމާ އަޅުގަނޑުމެން މިޖެހެނީ އެކަންކަން އަލުން ކުރަން، އެހެންނަމަވެސް އެކަންކަން ކުރުމަކީ އަޅުގަނޑުމެން ޔަޤީނުންވެސް ކުރާނެކަމެއް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ވީރާނާވާން ދޫކޮށްލެވިފައިހުރި ކުޅިވަރު ވަސީލަތްތައް ރަނގަޅު ފެންވަރަކަށް ބަދަލުކުރުމާއި، އެތަންތަން ތަރައްޤީކޮށް އިތުރު ވަސީލަތްތައް ޤާއިމުކުރުމަކީ ވަކި ރަށެއް ނުބަލައި، ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ތަފާތުކުރުމެއްނެތި ކުރިއަށް ގެންދާނެ ކަމެއްކަން ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ޙާއްޞަކޮށް ޒުވާނުންނަށް އަޅުގަނޑު ޔަޤީންކަން އަރުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ