ޤައުމު ދަނީ ނާމާން މަންޒިލަކަށް ކަމަށާއި، ފިކުރަކަށް ނުބަލައި ޤައުމުގެ މިނިވަންކަން ސަލާމަތްކުރަންޖެހޭ ކަމަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، މިޤައުމުގެ ކަންތައްތައް ދަނީ ވަރަށްވެސް ނާމާން މަންޒިލަކާ ދިމާލަށް ކަމަށާއި، ޤައުމު އޮތީ މިނިވަންކަން ގެއްލުމުގެ ކޮޅުމަތީގައި ކަމަށެވެ. އަދި އެންމެހާ ދިވެހީން އެއްބައިވަންތަ ބައެއްގެ ގޮތުގައިވާންޖެހޭ ކަމަށާއި، ޤައުމު ސަލާމަތްކުރެވޭނީ އެންމެހާ ދިވެހީން އެއް ފިކުރަކަށް އައިސްގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެއީ ޤައުމީ ފިކުރު، އެންމެ ފުރަތަމަ ޤައުމު އިސްކުރަންޏާ ފަހަތަށް ދެން ދާންޖެހޭ ހުރިހާ އެއްޗެއް ދާންވީ، އެއީ އެމީހާ ހުރި ސިޔާސީ ޕާޓީގެ ފިކުރުކަމުގައި ވަންޏާ އެ ފިކުރު ފަހަތަށް ޖައްސާލަންވީ. ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުއްޓަސް އެމީހާ އެބަ އިސްކުރަންޖެހޭ ދިވެއްސަކަށްވީތީ ދިވެހީންގެރާއްޖެ ގެނައުމުގެ ފިކުރު. ދިވެހީންގެރާއްޖެއެއް ނުގެނެސް މިޤައުމު ދެން ސަލާމަތް ކުރެވޭކަށް ނެތް. ދިވެހީންގެރާއްޖެ މި ޝިއާރު ރައީސް ޔާމީން ހިޔާރުކުރެއްވީ ވަރަށް މާތް މަޤްޞަދެއްގައި، މިޤައުމުގެ މުސްޠަޤުބަލު އަޅުގަނޑުމެންގެ ކުރިމަތީގައި ބަންޑުންވެގެން މިއޮށްދަނީ، އަޅުގަނޑުމެންގެ އިސްލާމްދީން، ދިވެހި ބަސް، އަޅުގަނޑުމެންގެ ސަގާފަތް އަޅުގަނޑުމެން އަތުން ބީވެގެން މިއޮށްދަނީ. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލުމާ ގާތަށް ގޮސްފައިވަނީ. އަޅުގަނޑުމެންގެ ސިޔާދަތާއި އިސްތިޤްލާލު ބީވެގެން މިއޮށްދަނީ. މިކަންކަމަށް އަޅުގަނޑުމެން ސަމާލުކަންދޭނަމަ ދިވެހީންގެރާއްޖެ ގެނައުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ކަންތައް. ކޮންމެ ދިވެހި ރައްޔިތެއްގެ ފަރުދީ ޒިންމާއެއް މިހާރު، ހަޤީޤަގުގައިވެސް ފަރުދީ ޒިންމާއެއް މިއީ ސިޔާސީ ވިސްނުމަކުން ދައްކާ ވާހަކައެއް ނޫން، ކޮންމެ ބޭފުޅަކު އަމިއްލައަށް ވިސްނާލީމާވެސް ފަހުމްވާނެ ވާހަކައެއް މިއީ. ދިވެހީންގެ ޤައުމު ދިވެހީންގެރާއްޖެ ހޯދަން ނޫޅެފިއްޔާ ދިވެހީންގެރާއްޖެ ތާއަބަދަށް ގެއްލިގެންދާނެ. އެހެންވީމާ މިރަށުގައި ތިއްބެވި ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންނަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިތިބި ހުރިހާ ދިވެހިރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކީގައި މިދަންނަވާލާ ދަންނަވާލުމަކީ ހިނގާށޭ އެންމެން އެކައްޗެއްކިޔަން." މުއިއްޒު ވިދާޅުވިއެވެ.
މި އިންތިޚާބުގައި ބައިވަރު ބުރުތަކަށްދާން ނުގޮސް، ދިވެހީންގެ ރާއްޖެ ހޯދުމުގައި އެންމެން އެކަތިގަނޑަކަށްވާންޖެހޭ ކަމަށާއި، އެންމެން އެއްގަލަކަށް އަރަންއެބަޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދިވެހީންގެރާއްޖެ ހޯދަން ހިނގާށޭ، އެއީ ކޮންރާއްޖެއެއްތޯ؟ އެއީ އަޅުގަނޑުމެންގެ ދިވެހިވަންތަކަން ހިމާތަޔްކުރާ ރާއްޖެ، ދިވެހި ބަހާއި، ދިވެހި ޤައުމިއްޔަތާއި، އިސްލާމްދީނާ ހިމާޔަތްކުރާނެ ރާއްޖެ، ދިވެހީންގެ މިނިވަންކަން ޔަޤީންކުރާނެ ރާއްޖެ، ދިވެހިވަންތަކަން އަނބުރާ ދިވެހި ޤައުމަށް ގެނެސްދޭނެ ރާއްޖެ. އަޅުގަނޑުމެންގެ މުސްތަޤުބަލު ސަލާމަތްކޮށްދޭނެ ރާއްޖެ، އަމާންކޮށްދޭނެ ރާއްޖެ. އެހެންވީމާ މިރާއްޖެ ހޯދުމަކީ އަޅުގަނޑުމެން ވަޠަނީ، ފަރުދީ ޒިންމާއަކަށްވާނެޖެހޭނެ. އަޅުގަނޑުގެ އިލްތިމާސަކީ މިކަމުގައި އަޅުގަނޑުމެން ފަރުވާކުޑަ ނުކުރާށޭ، މިކަމުގައި އަޅުގަނޑުމެންގެ ޤައުމީ ވާޖިބު އަދާކޮށްދޭށޭ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާ ހެޔޮ ނަސޭހަތަކީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުން މިކަމުގައި އެކައްޗެއް ކިޔައި، އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.



