ފުލުހުންނާއި ސިފައިންގެ ސިޔާސީ ނުފޫޒުން ސަލާމަތްކުރާން: މުއިއްޒު

ފުލުހުންނާއި ސިފައިންގެ ސިޔާސީ ނުފޫޒުން ސަލާމަތްކުރާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ފުލުހުންނާއި ސިފައިންނަކީ އަބަދުވެސް ފަޚުރުވެރިވާ ދެ މުއައްސަސާ ކަމަށާއި، ފެނިގެންމިދަނީ ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާތަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ދެ މުއައްސަސާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަޚުރު އެ ދެ މުއައްސަސާއަކީ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ މިދެންނެވި ދެ  މުއައްސަސާގެ ފަޚުރުވެރިކަން އަނބުރާ އިޔާދަކޮށްދޭނެވާހަކަ. އެ ދެ މުއައްސަސާ ސިޔާސީ ނުފުޒުން އެއްކިބާކޮށްދޭން ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑު އެ ދެ މުއައްސަސާއަށް އަރުވަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ފުލުހުންނާއި ސިފައިންގެ މުއައްސަސާ އިރާދަކުރެއްވިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާކޮށްދެއްވާނެ ކަމަށެވެ.

"މިނިވަންކަމާއެކީގައި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ފުލުހުންނާއި ސިފައިންނަށް އިރާދަކުރެއްވިއްޔާ ހޯދަދޭނަން. ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ބާރު ދޫކޮށްލަންޖެހޭ ނޫނީވިއްޔާ ދީއްލާލަންޖެހުމުގެ އެއްވެސް ކަހަލަ ނުފޫޒެއް ހިނގުމުގެ ޖާގައެއް އިރާދަކުރެއްވިއްޔާ އެ ދެ މުއައްސަސާއެއް ކުރިމަތިވިޔަކަނުދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ޔަޤީންކުރަންވީ މުސްތަޤްބަލު އުޖާލާކުރުމަކީ ދިވެހިރައްޔިތުންގެ އަތްމަތީގައި އޮތްކަމެއްކަން ކަމަށާއި، އެކަން ކުރުމުގެ ފުރުޞަތު އަތީ ދިވެހިރައްޔިތުންގެ އަތްމަތީގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ