ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަންނަވައިފިނަމަ، ދިވެހިރާއްޖޭގައި އަވަށްޓެރި އިންޑިއާގެ ރުފިޔާ ބޭނުންކުރަން ފަށާ ހިސާބަށް އިޤްތިޞާދުގެ ކަންކަން ވެއްޓިގެންދާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު ރޭ މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއްގައި ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އުފަންވެފައި ތިބި ކޮންމެ ރައްޔިތެއްގެ ބޮލުގައި ދެލައްކަ ތިރީސް ހަތްހާސް ރުފިޔާގެ ދަރަނި އެޅުވިއިރު، ހަމައެކަނި މިހާރުގެ ރައީސް 65 ބިލިއަން ރުފިޔާގެ ދަރަނި ފުންޏެއް ޖައްސަވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ދަރަނި 114 ބިލިއަން ރުފިޔާއަށް އަރުވައި، އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އިބްރާހީމް މުޙައްމަދު ޞޯލިޙް 2023 ގައި މިރާއްޖޭގެ ވެރިކަމަށް އައިސްފިކަމަށްވަންޏާ، އިންޝާﷲ ނާންނާނެ، އެހެންނަމަވެސް އައިސްފިކަމަށްވަންޏާ 2024 ވަނަ އަހަރު ނިމޭއިރު މިރާއްޖޭގައި އިންޑިއާގެ ރުފިޔާ ބޭނުންކުރަންފަށާނެ. މިރާއްޖޭގެ ވިޔަފާރީގެ ހުރިހާ ނެޓްވޯކެއް، ހުރިހާ ސްވިފްޓް ކޯޑެއް އިންޑިއާ މެދުވެރިކޮށް ދުނިޔެއަށް ވިޔަފާރިކުރަމުންދާނެ. ޖުމްލަގޮތެއްގައި މިރާއްޖޭގެ ޓޯޓަލް އިކޮނޮމިކް އިންޑިޕެންޑެންސް އަޅުވެތިވެގެންދާނެ ފުރަތަމަ ފަހަރަށް ވެގެންދާނެ 2024 އިން ފެށިގެން." ސަޢީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، ޤައުމު ދަރުވާލައިގެން ކުރި ތަރައްޤީއެއް ފެންނަން ނެތްކަމަށް ސައީދު ވިދާޅުވިއެވެ.
"114 ބިލިއަން ރުފިޔާގެ ދަރަނި އުފަންކުރިއިރުގައި ތިޔަބޭފުޅުންނަށް މިރާއްޖެ ގެނެސްދެނީ ކޮންމެ ފަސްއަހަރަކުން ފުރުޞަތެއް މިރާއްޖެ ގެނެސްދިން ފުރުޞަތުގައި ރައްޔިތުން ބުނީ ތިމަންނަމެންގެ މާލިއްޔާއިން ވައްކަން ނުކުރާށޭ. ތިމަންނަމެންގެ މާލިއްޔާ ޑަބަލްކުރާށޭ. ރައީސް ޔާމީން ޑަބަލްކުރެއްވި، ޓްރިޕަލްކުރެއްވި، ހަތަރުގުނަކުރެއްވި. އެއްބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވްގައި މިއަދު ދިވެހި ލޮބުވެތި ރައްޔިތުން އަޑުއައްސަވާ، އެއްމަސް ދުވަހުގެ ކާޑު ގަންނާނެ ފައިސާ ނެތް. އެއްމަސް ދުވަހުގެ ކާޑު ގަންނާނެ ފައިސާ ނެތްއިރުގައި އަޅުގަނޑު މިދެންނެވީ ހައްދަވައިގެން ފެންނަ، އަތުންހިފޭ، ލޮލަށް ފެންނަ ޕްރޮޖެކްޓެއް، މަޝްރޫއެއް ނެތްއިރުގައި، ތީގެން ކޮންމެ ބޭފުޅެއްގެ ބޮލުގައި ދެލައްކަ ތިރީސް ހަތްހާސް ރުފިޔާގެ ދަރަނި އަޅުވައިފި. 65 ބިލިއަން ރުފިޔާގެ ދަރަންޏަކީ ރައީސް ޞާލިޙްގެ ދަރަނި." ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، މުޅި ޤައުމު ރޭޕްކޮށްފައިވާ ކަމަށެވެ.
"18 ރުފިޔާއަށް ޑޮލަރެއް ލިބެނީ. ދިވެހިރާއްޖެ މާޔޫސްވެއްޖެ، ދިވެހިރާއްޖެ އޮތީ އަޅުވެތިވެފައި، ދިވެހީންގެ ހިތްތަކުގައި ކޫރުން އަޅުވައިފި، ދިވެހީންގެ ހިތްތައް މާޔޫސް ކުރުވައިފި، ކޮށައިފި، ޒުވާނުންގެ އުއްމީދުތައް ފުނޑުފުނޑުވެއްޖެ، މުޅި ޤައުމު ރޭޕްކޮށްފި. މުޅި ޤައުމުގެ ޤައުމީވަންތަކަން އަޅުގަނޑުމެންގެ އިސްތިޤްލާލު ރޭޕްވެއްޖެ، ރޭޕްކޮށްފި." ސައީދު ވިދާޅިއެވެ.
ކޮންމެ ނާމާންކަމަކާއެކު އުއްމީދެއް އަންނާނެކަމަށާއި، ކޮންމެ ހިތާމައަކާއެކު ފުންކޮށް ވިސްނައިފިނަމަ އުއްމީދެއް އޮންނާނެކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން މިއުޅެނީ، މިޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން، މިދެކުލައިގެ އުއްމީދު ގެނެސްދޭ ޕާޓީ، ރައީސް ޔާމީންގެ މެންޓަރޝިޕްގެ ދަށުން މިޕާޓީން ނެރެފައި މިހިރަ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި ޙުސައިން މުޙައްމަދު ލަތީފް، ހަމަތަކާއެކު މިރާއްޖެ އަލުންއަނބުރާ އޮތްތަނަށް ރުޖޫޢަކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް ރެއާއި ދުވާލު ކުރަމުންދާނެ." ސައީދު ވިދާޅުވިއެވެ.