ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު އެއްފަހަރުނަމަވެސް ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރައްޔިތުންގެ ކިބައިން އެދެފިއެވެ.
ގާސިމް މިހެން ވިދާޅުވީ، މަދަނީ ޖަމިއްޔާތަކާއި އެކު 'ހައްލަކީ ކެންޑިޑޭޓު ގާސިމް'ގެ ނަމުގައި ހޮޓެލް ޖެންގައި ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ރައްޔިތުންނާ ސުވާލުކުރީ، ރިޔާސީ އިންތިހާބަށް ކޮންމެފަހަރަކު ނުކުންނައިރު، ޓެސްޓްކޮށްލަން ނަމަވެސް ރައްޔިތުން އޭނާއަށް އެއްފަހަރު އެ ފުރުސަތު ނުދެއްވަނީ ކީއްވެތޯއެވެ.
"އެހެންވީމާ ތިޔަ ބޭފުޅުން، ޓެސްޓްކޮށްލައްވަން ވެސް ރަނގަޅެއްނުންތޯއޭ އަޅުގަނޑު މި އަނގަތަޅަމުން ދާއިރު ކޮންމެ ފަހަރަކު ވެސް ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ ކޮންމެ ރައްޔިތަކީ އޭނާފަދަ ތަނަވަސް މީހަކަށް ހެދުމުގެ މަޤުސަދުގައި ކަމަށްވެސް ގާސިމް ރޭ ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގައި ހުންނަވައި އަދި އެ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ގާސިމް ވަނީ އޭނާ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ދެ އިންތިހާބުންވެސް ކުރިމަތިވީ ނާކާމިޔާބީއާ އެވެ.



