ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ މި ބައްދަލުވުން މިއަދު އެ އޮފީހުގައި ކުރިއަށްދިޔަކަން ހާމަކޮށްފައެވެ. ނަމަވެސް މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ގާސިމް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ފުރަތަމަ ބުރުން ވަކިވެގެންދިޔަ ކެނޑިޑޭޓެކެވެ. އެހެންފަހަރުތަކާ ހިލާފަށް ދެވަނަ ބުރުގައި ގާސިމް އެއްވެސް ކެންޑިޑޭޓަކާ ކޯލިޝަން ހަދައިފައި ނުވެއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާ އަށް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ދެންނެވި ކަމަށެވެ.
ގާސިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާ ވެސް ރައީސް ޑރ. މުއިއްޒު މިއަދުވަނީ ބައްދަލުކުރައްވައިފައެވެ.




