މުއިއްޒު މަސްވެރިންނަށް: ޑިއުޓީ މަޢާފުކޮށް، ލޯނު ފަސޭހަކޮށް، މިފްކޯގެ ހިއްސާ ދޭނަން

މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ފ. ނިލަންދޫގައި ބޭއްވި އެ ކޯލިޝަނުގެ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މަސްވެރި އުޅަނދުތައް ބަނުމަށްޓަކައި ގެންނަ ތަކެތިން މިހާރު ޑިއުޓީ ނެގި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމެއްގައި އެތަކެތިން ޑިއުޓީ ކަނޑާލާނެ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރި އުޅަނދުތައް ބަނުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބި މުޅި އިންޑިސްޓްރީއަށް އޭގެން ފައިދާކުރާނެ ކަމަށެވެ.

ސިވިލްސަރވިސް މުވައްޒަފުން ނޫވަތަ އެހެން ސެކްޓަރއެއްގެ މުވައްޒަފަކު ގޮސްފިއްޔާ ލިބޭ ލޯނުތައް ހުންނަކަމަށާއި، ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންނަކީ ބޭންކަކަށް ގޮސްފިއްޔާ އެހެން އިންޑަސްޓްރީތަކުގެ މުވައްޒަފުން ލިބޭކަހަލަ ލޯނު ލިބޭ ބައެއް ނޫން ކަމަށާއި، މަސްވެރިންނަކީ މުވައްޒަފުންގެ ގޮތުގައި ބޭންކްތަކަކުން ރިކޮގްނައިޒް ނުކުރާ ކަމަށާއި، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް މުއިއްޒުު ވިދާޅުވިއެވެ.

"އެހެންނަމަވެސް މަސްވެރިޔަކު ލޯނެއް ހޯދަން ދިޔައީމާ ވަރަށް ގިނަ ދަތިތައް އެބަހުރޭ. އެހެންވީމާ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާއި ތައާރަފްކުރަންޖެހޭ ޤާނޫނީ އެކިކަހަލަ ޑޮކިއުމަންޓްތައް ހަދައި ތައާރަފްކުރަންޖެހޭ އެކިކަހަލަ އިންޓްޓިއުޓްތައް ތައާރަފްކޮށްގެން މަސްވެރިންގެ ހާއްޞަ ދަފްތަރެއް އެކުލަވާލައިގެން އެ ދަފްތަރުގައި ރަޖިސްޓްރީވާ ހުރިހާ މަސްވެރިންނަކީ މިދެންނެވިގޮތަށް ގޮތަށް އެ ސެކްޓަރގައި މުވައްޒަފުން ގޮތަށް ރިކޮގްނައިޒް ކުރެވި ބޭންކްތަކުން ފަސޭހަކަމާއެކީގައި ލޯނު ނެގޭނެގޮތް އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އަޅުގަނޑުމެން ފަހިކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިފްކޯގެ ހިއްސާ ލިބި މިފްކޯ ހިންގުމުގައި މަސްވެރިންނަށް ބައިވެވެރިވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްދުކުރަނީ ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައި، އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި، އަދި އެ ސޮސައިޓީގެ ފަރާތުން މިފްކޯގެ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭގައި މެންބަރަކު ހިމަނަން. އޭރުން މިފްކޯގެ ހިއްސާދާރުންގެ ގޮތުގައި އެވަނީ މަސްވެރިން. ސީދާ ހިއްސާދާރުންގެ ގޮތުގައި، ވެގެން އޭރުން ސީދާ މިފްކޯއަށް ލިބޭ ފައިދާއިން ޑައިރެކްޓްލީ މަސްވެރިންނަށް ފައިދާވެގެންދާނެ، އަދި ބޭރު ފައިސާއިން އިރާދަކުރެއްވިއްޔާ މިފްކޯއިން ލިބޭ ފައިދާއިން މަސްވެރިންނަށް ނަފާ ލިބިގެންދާގޮތަށް ބަދަލުކުރެވިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މަސްވެރިންނަށް މަސްވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި، ސީދާ މިފްކޯ ހިންގުމުގައި މަސްވެރިންނަށް ބައިވެރިވެވި މަސްވެރިންނަށް އިންޑަސްޓްރީއަށް ބޭނުންވާ ކަންތައްތައް ސީދާ ކުންފުނީގައި މަޝްވަރާކުރެވި، ކުންފުނި ހިންގުމަށް ނެގެވޭ ބަދަލުތަކުގެ ސަބަބުން ސީދާ މަސްވެރިން ބޭނުންވާ ގޮތަށް އެކަން ބައްޓަންކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ