ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެރިކަމެއްގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަޤީރުން ހިލޭ ޙައްޖަށް ފޮނުވަދެއްވާނެކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. \
މ.މުލަކުގައި މިރޭ ކުރިއަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ހައްޖުކޯޕަރޭޝަން ހިނގަނީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި، ޙައްޖަށް ދާންޖެހެނީ ވަރަށް ބޮޑު އަގުގައި ކަމަށާއި، ރައްޔިތުންނަށް އެ ކޯޕަރޭޝަނުން މާބޮޑު ފައިދާއެއް ނުކުރާކަމަށެވެ.
"އެހެންވީމާ ހައްޖުކޯޕަރޭޝަނަށް އެބަޖެހޭ ބަދަލުތަކެއް ގެންނަން. ކުންފުނި ހިންގާގޮތަށް ބަދަލުތަކެއް އަންނަންޖެހޭ. އެކުންފުނި ތަރައްޤީކުރަން އެބަޖެހޭ. ޙައްޖު ފަންޑުން އިންވެސްޓްމަންޓްތައް ކުރަންއެބަޖެހޭ. އިންވެސްޓްކޮށްގެން ޙައްޖު ފަންޑު ނަފާ ހޯދައި، ފައިނޭންޝިއަލީ ވަރުގަދަ ކުންފުންޏަކަށް ހަދަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެ ބަދަލު ގެންނަވަން ބޭނުންފުޅުވެލައްވަނީ ޙައްޖަށް މީހުން ގެންދާ އަގަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކަމަށެވެ.
"އޭގެ ނަފާ ސީދާ ރައްޔިތުންނަށް ހޯދަދިނުމަށްޓަކައި އަޅުގަނޑުމެން މިހެން މިދަންނަވަނީ. އޭރުން ޙައްޖަށްގެންދާ އަގުތައް ކުޑަވެގެންދާނެ، އޭގެ ނަތީޖާއަކަށްވާނީ މިދެންނެވިގޮތަށް ފުރަތަމަ އަހަރުވެސް ޙައްޖަށް ދިއުމުގެ އަގު ކުޑަކުރެވޭގޮތްވުން." މުއިއްޒު ވިދާޅުވިއެެ.
"އޭގެ އިތުރަށް އަމިއްލައަށް ޙައްޖަށް ދިއުމަށް އެފޯޑް ނުކުރެވޭވަރުގެ ފަޤީރުން އެބަތިބި ކަމަށާއި، ބަހާލައިގެން ފުރަތަމަ އަހަރު 100 މީހުން އަދި ދައުރުގެ މުޅި 5 އަހަރުގެ ތެރޭގައި 1000 ފަޤީރުން ހިލޭ ޙައްޖުކޯޕަރޭޝަނުގެ ހަރަދުގައި ޙައްޖަށް ގެންގޮސްދެއްވާނެ" ކަމަށް މުއިއްޒު މިރޭ ވިދާޅުވިއެވެ.



