"މޯލްޑިވްސް ޒަކާތް ހައުސް" ރާއްޖެއަށް ތައާރަފްކުރާނަން: މުއިއްޒު

ދިވެހިރާއްޖެއަށް "ޒަކާތް ހައުސް" ގެ ނަމުގައި އިންސްޓިޓިއުޝަނެއް ތައާރަފްކުރައްވާނެކަމަށް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މ.މުލަކުގައި މިރޭ ކުރިއަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޒަކާތް ހައުސްއަކީ ދުނިޔޭގެ ވަރުގަދަ އިސްލާމީ ޤައުމުތަކުގައި އުފައްދާފައިހުރި އިންސްޓިޓިއުޝަނެއް ކަމަށާއި، އެފަދަ އިންސްޓިއުޝަނެއް ރާއްޖެއަށް ތައާރަފްކުރައްވާނެ ކަމަށެވެ.

"އަލަށް ތައާރަފްކުރަން އަޅުގަނޑު ނިންމާފައި އޮތް އަނެއްކަމަކީ ދުނިޔޭގެ ވަރުގަދަ ޤައުމުތަކުގައި އުފައްދާފައިހުރި އިންސްޓިއުޝަނެއް ޒަކާތު ހައުސް ކިޔާތަނެއް، "މޯލްޑިވްސް ޒަކާތް ހައުސް" ގެ ނަމުގައި އިންސްޓިޓިއުޝަނެއް އަޅުގަނޑުމެން އުފައްދާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޒަކާތް ހައުސް ވެގެންދާނީ ޤާނޫނީ ބޮޑީއަކަށް ކަމަށާއި، އެއާއެކު ޒަކާތް ފަންޑު ވަރުގަދަ ކުރެވޭނެ ކަމަށެވެ.

"ޒަކާތު ފަންޑުން ޝަރީއާ ކޮޕްލަޔަންޓްވާ، ޝަރީއާއިން ހުއްދަދޭ އެކިއެކި ދާއިރާތަކުގައި އިންވެސްޓް ކުރެވޭނެ، އިންވެސްޓްކުރެވުނީމާ ފައިދާ އިތުރުވެގެންދާނެ، އެހެންވީމާ ޒަކާތު ފަންޑު ބޮޑުވެ ވަރުގަދަވެގެންދާނެ. ވަރުގަދަވީމާ އޭރުން އެކި އެކި ކަންކަމަށް މިހާރުވެސް ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ޒަކާތު ފަންޑުން ފައިސާ ލިބޭ އެކިއެކި އެހީތަކަށް، އެހެންވީމާ އެ ޒަކާތު ފަންޑު ބޮޑުކުރުން ބޭނުމަކީ. ބޮޑުކުރީމާ އެ ޒަކާތު ފަންޑުން ރައްޔިތުންނަށް ބޭނުންވާ، ޒަކާތު ފައިސާ ހަރަދުކުރަން ހުއްދަ ކަންކަމުގައި ހޭދަކުރާނެ ގިނަ ފައިސާތަކެއް ލިބިގެންދާނެ. ލިބިގެންދިޔައީމާ ސީދާގޮތުން ރައްޔިތުންނަށް އޭގެ ފައިދާކުރާނެ." ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. 

އިތުރަށް މުއިއްޒު ވިދާޅުވީ، ޒަކާތް ހައުސްއާއެކު އޭގެ ސީދާ ނަފާ ރައްޔިތުންނަށް ލިބޭ ތަނަކަށް ހެދުން އެއީ ކުރައްވާނެ މަސައްކަތެއް ކަމަށެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ