މ.މުލަކުގެ ތަރައްޤީއަށް ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަޢދުވެވަޑައިގެންފިއެވެ.
މިރޭ މުލަކުގައި ކުރިއަށްދިޔަ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގެ ކުރީކޮޅު އެރަށުގެ ބޮޑެތި ހުރިހާ މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.
މ. މުލަކުގެ މަގުތައް ތަރައްޤީކުރުމުގެ އިތުރުން އެރަށުގެ ބަނދަރު ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މުލަކުގައި 1400 ފޫޓް ދިގު 350 ފޫޓް ފުޅާ ބަނދަރެއް ތަރައްޤީކޮށް، އެރަށުގެ އުތުރު ފަރާތު ޖެޓީ އަލުން ހަދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުލަކު ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އެރަށުގައި ޤާއިމުކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ ގިނަ ފެސިލިޓީސްތައް ހިމެނޭ ރަނގަޅު ފެންވަރުގެ ޔޫތް ސެންޓަރެއް މުލަކުގައި ޤާއިމުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ކުނި މެނޭޖްކުރުމަކީ ވައުދެއް ނޫން ކަމަށާއި އެއީ ކޮންމެ ރަށެއްގައިވެސް ކުރައްވާނެ ކަމެއް ކަމަށާއި، އެގޮތުން މުލަކުގައިވެސް އެކަންކަން ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުލަކަށް ވަޑައިގެން ހަމަ ލިސްޓެއް ކިޔުއްވީ ނޫންކަމަށާއި، ވައުދެއްވެއްޖިއްޔާ ފުއްދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.




