ޚިޔާލުތަފާތުވުމުގެ މައްޗަށް އެކުވެރިކަން އިސްކުރަންޖެހޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކ.ގުރައިދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރަށާއި ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ގިނަގުނަ ކަންތައްތަކެއް އެބަހުރިކަމަށާއި، އެކަންކަން ކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެ، އެކުވެރި ބަޔަކަށްވެގެން ކަމަށެވެ.
"ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން. އެކަމު އެ ޚިޔާލުތަފާތުވުމުގެ މައްޗަށް އަޅުގަނޑުމެންގެ އެކުވެރިކަން އިސްކުރަންޖެހޭ، އެއްބައެއްވަންތަކަން އިސްކުރަންޖެހޭނެ." މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ ސަރުކާރުން ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަގައިމުވެސް ޚިދުމަތް ދިނުމުގައި ސަރުކާރުން ޚިދުމަތް ދިނުމުގައި ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ ޚިދުމަތްދޭއިރުގައި އެ ތަފާތެއް ނުކުރާނަން. އެ ރައްޔިތަކު ނިސްބަތްވަނީ ކޮން ޕާޓީއަކަށްތޯއެއް ނުބަލާނަން. މިހާތަނަށް މާލޭ ސިޓީ ކައުންސިލްގައި އަޅުގަނޑުމެން ޚިދުމަތްދެމުންދަނީވެސް މިދެންނެވި ބީދައިން. ތަފާތެއް ނުކުރަން. މީހަކު ކަމަކު ގުޅާލީމާ އެއީ ކިތަންމެ ކުޑަ ކަމަކުވިޔަސް އަވަސްވެގަންނަނީ އެކަމެއް ކޮށްދެވޭތޯ ބަލަން. ނުބަލަން އެއީ ކޮން ޕާޓީއެއްގެ މީހެއްތޯއެއް. އެހެންވީމާ އެގޮތަށް އަޅުގަނޑުމެން ދެންވެސް މަސައްކަތްކުރާނީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެރަށުގައި ތިއްބެވި އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ އެ ހުރިހާ ރައްޔިތުންވެސް ހަމަހަމަ ކަމަށާއި، ވަކި ރަށެއް ވަކި މުޖުތަމައެއް ވަކި ޕާޓީއެއް ވަކިކުލަޔަކަށް ބެއްލެވުމެއްނެތި އެންމެންނަށްވެސް ޚިދުމަތްދޭނީ އުފަލާއެކު އިޚްލާސްތެރިކަމާއެކީގައި ކަމަށެވެ.
"ޚިޔާލުތަފާތުވާކަހަލަ ފުރުޞަތުތަކުގައި ވަގުތުތަކުގައި ހަމަ ރީތިކޮށް އައިސް ވާހަކަދެއްކީމާ ވާހަކަ އަޑުއަހާނީ. އަޑުއެހުމުގެ ޤާބިލުކަން ހުންނަންޖެހޭނެ ކަންކަމާ ކުރިމަތިލާމީހުންގެ. އިޚްލާސްތެރިކަމާއެކީގައި މަސައްކަތްކުރާނަމަ ކަންކަން އަޑުއަހަންޖެހޭނެ. އަޑުއަހައި ކުރެވެން ހުރި ކަންކަން ކޮށްދޭންޖެހޭނެ. ނުކުރެވޭ ކަމެއް ވިއްޔާ ނުކުރެވެނީ ކީތްވެގެންކަން ބަޔާންކުރީމާ އެއޮތީ އެ ހިސާބުން އެކަން އެވަގުތަށް ފުދިފައި. އެއީ އަޅުގަނޑު ހިތުން ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ގޮތަކީ. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ މިދެންނެވި ކަންކަން. ހަމަހަމަކަން އަދުލުވެރިކަން އިންސާފުވެރިކަން އިސްކުރާތީ." މުއިއްޒު ވިދާޅުވިއެވެ.




