ސޯޝަލް ހައުސިންގ ޖޫރިމަނާތައް މަޢާފުކޮށްދެއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ މެނިފެސްޓޯގެ "ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން" ސިޔާސަތު ވަނީ މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ކުރިއަށްދާ ޖަލްސާގައި އިފްތިތާހްކޮށްފައެވެ.
މި ސިޔާސަތުގައި ދިވެހީން ބޭނުންވާނެ ބޯހިޔާވަހިކަމުގެ ގިނަ ކަންތައްތަކަކަށް ހައްލު ހޯއްދަވައިދެއްވަން ވަޢުދުވެފައިވާއިރު، ހައުސިންގ ޖޫރިމަނާ މަޢާފްކޮށްދެއްވަންވެސް ވަޢުދުވެވަޑައިގެންފައިވެއެވެ.
" ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދޭނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތފްަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ "ލޭންޑް ރީއެޖެސްޓްމަންޓް" ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންގަވަންވެސް މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.
"މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރަނަން. އަދި މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތްކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ ޢުޞޫލުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އެހެން ހިސާބަކުން ގޯތިދޭނަން." މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގައިވެއެވެ.
ހަމައެއާއެކު މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބަލަހައްޓަންވެސް މުއިއްޒުގެ ސިޔާސަތުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުންވެސް މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ގުނަ ލުއިފަސޭހަތަކެއް ޑރ. މުއިއްޒުގެ ސިޔާސަތުގައި ކަނޑައަޅާފައިވެއެވެ.




