ލުބުނާނުގެ ބެއިރޫތައް ދިން ޑްރޯން ހަމަލާއެއްގައި ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރ ސޯލިހް އަލް އަރޫރީ ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައި ނުވިނަމަވެސް ބެލެވޭ ގޮތުގައި މިއީ އިޒްރާއިލް އިން ދީފައިވާ ހަމަލާއެކެވެ. އިޒްރާއިލުން މި ހަމަލާއާއި ގުޅިގެން ބުނެފައިވަނީ މިއީ ލުބުނާނަށް ދިން ހަމަލާއެއް ނޫން ކަމަށެވެ.
ހަމާސް ޖަމާއަތުން މި ހަމަލާ ސިފަކޮށްފައިވަނީ ނިރުބަވެރި ހަމަލާއެއް ކަމަށެވެ. އަދި ލުބުނާނުގެ ހިޒްބުﷲ އިން ބުނެފައިވަނީ މިއީ ލުބުނާނުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. ލުބުނާނުގެ ނައިބުރައީސް ވިދާޅުވެފައިވަނީ އިޒްރޭލުން މަސައްކަތް ކުރަމުންދަނީ މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމަށް ކަމަށެވެ.
ލުބުނާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަރޫރީ ޝަހީދުކޮށްލެވުނު ޑުރޯން ހަމަލާ ދީފައިވަނީ ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށެވެ. މި ހަމަލާގައި އަރޫރީގެ އިތުރުން ހަމާސްގެ އިތުރު 6 މެންބަރަކުވެސް ޝަހީދުކޮށްލައިފައިވެއެވެ.
ބީބީސީ އިން ރިޕޯޓުކުރާ ގޮތުގައި އަރޫރީ އަކީ ހަމާސްގެ އަސްކަރީ ގޮފީގެ އިސް ބޭފުޅެކެވެ. އަދި ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާގެ އަރިސް ބޭފުޅެއްވެސް މެއެވެ. ލުބުނާނުގައި އަރޫރީ ހަރަކާތްތެރިވަމުން އައިސްފައިވަނީ ހިޒްބުﷲ އާއި ހަމާސް ޖަމާއަތް ގުޅުވައިދިނުމަށްޓަކައެވެ.