ސްކޫލް ދަރިވަރުންގެ ޔުނިފޯމް ކޯޑަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހައަކީ ދޮގެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އަންނަ މާރިޗު މަހުން ފެށިގެން ސްކޫލްތަކުގައި ބުރުގާ އެޅުން މަޖުބޫރުކުރުމަށް ކެބިނެޓަށް ހުށަހެޅުމަށް އެޑިއުކޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ޑޮކިއުމެންޓެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަނުން މިއަދު ވިދާޅުވީ، އެ ޑޮކިޔުމަންޓަކީ އެއްވެސް އަސާސެއް ނެތް، ހަޤީޤަތާ ޚިލާފު ޑޮކިޔުމަންޓެއްކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ މި ޑޮކިއުމެންޓްގައި ބުނާގޮތުން، އާންމު އިޖުތިމާއީ މިންގަނަޑާ ޚިލާފަށް ހެދުން އަޅައިގެން މުޖުތަމައު ތެރޭގައި އުޅުން މަނާކޮށްފައި އޮންނަ އޮތުން ސަރުކާރުން ރަސްމީކޮށް ތަންފީޒުކުރަން ފަށާއިރު އެއާއެއްކޮށް ސްކޫލުތަކުގައި ބުރުގާ އެޅުން ސިޔާސަތެއް ގޮތަށް ތަންފީޒު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ނަމަވެސް މިއީ އަސްލު ޑޮކިއުމެންޓެއް ނޫންކަން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބުވެސް ވަނީ ޔަޤީންކޮށްދީފަ އެވެ.
މިއީ ކަނޑައެޅިގެން ދޮގެއް. ބޭނުމަކީ ސަރުކާރު ބަދުނާމުކުރުން. ސަރުކާރު ދާނީ ޚިދުމަތައިގެން ކުރިއަށް. pic.twitter.com/z8OBTd4Ta8
— Mohamed Shahyb (@MvSpokesperson) December 18, 2023
ދަރިވަރުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ހަޤީޤަތާ ޚިލާފު، ދޮގު ޚަބަރުތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
								
											

