ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން މުހިންމު ބައެއް ހަރަކާތްތައް ޖުލައި 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން އިޢުލާން ކުރައްވަމުން ވިދާޅުވެފައިވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕްރޮގްރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ ކަމަށެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާއި، ދެ ބަޔަކަށް ބަހާލައިގެން ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. އެގޮތުން ބާއްވާ ދެ ޖަލްސާއަކީ ރަސްމީ ޖަލްސާއާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާއެވެ.
މީގެ އިތުރުން ދިވެހިބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ ދަށުން ކުރު ފިލްމު ފެސްޓިވަލެއް އާއި، އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފޮޓޯގްރަފީ މުބާރާތާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ފުޅަނދު ބުރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ މައިދާނީ ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން، ސަޤާފީކަންކަމާއި ގުޅޭ ވުޒާރާއިން ބައިވެރިވާއިރު، ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން އާންމުކޮށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ސަޤާފަތާއި ބެހޭ ވުޒާރައިން ދަނީ ކުރިއަށް ގެންދަވަމުންނެވެ.