ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ނޮވެންބަރު މަހުގެ 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. މި ނިންމެވުން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ މަޤްޞަދަކީ، ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވާ ހޯމަ ދުވަހުގެ ކުރިއަށް އޮތް އާދީއްތަ ދުވަސް ރަސްމީ ދުވަހެއްގެ ގޮތުގައި އޮތުމުން، މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
މި ނިންމެވުމާއެކު، ސަރުކާރުގެ މުވައްޒަފުންނަށް މިމަހުގެ 31 ވާ ހުކުރު ދުވަހުން ފެށިގެން ނޮވެންބަރު 3 ވާ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 4 ދުވަހުގެ ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.
ނަޞްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތްވުމުގެ ހަނދާނުގައެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
