ރަތްކަނޑުން އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ އިސްވެ އޮވެ އަސްކަރީ ކޯލިޝަނެއް އެކުލަވާލައިފިއެވެ.
އެމެރިކާ އިސްވެއޮވެ އެކުލަވާލި އަސްކަރީ ކޯލިޝަނުގައި މުޅި ޖުމްލަ 10 ގައުމެއް ހިމެނެއެވެ. މި ކޯލިޝަނުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ބަހްރެއިން، ކެނެޑާ، ފަރަންސޭސްވިލާތް، އިޓަލީވިލާތް، ސީޝަލްސް، އަދި އިނގިރޭސިވިލް ހިމެނެއެވެ.
އެމެރިކާގެ ދިފާއީ ސެކެރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮއްނަންޖެހޭނެކަން ގަބޫލުކުރާ އެންމެހާ ގައުމުތަކުން އެކުވެ ހޫތީންގެ ފަރާތުން ކުރިމަތިވާ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިކަމަކީ ހުރިހާ ގައުމެއް އެކުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
އެމެރިކާއިން އަސްކަރީ ކޯލިޝަނެއް އުފެއްދިކަން އިއުލާން ކޮށްފައި މިވަނީ، މިދިޔަ ހަފްތާ ބަންދުގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން ހަމަލާދީ 15 ޑްރޯން ރަތްކަނޑުގެ ސަރަހައްދުން ވައްޓާލައިފައި ވަނިކޮށެވެ.
އީރާންގެ މަދަދު ލިބިގެން ޔަމަނުގައި ހަރަކާތްތެރިވާ އަދި މިހާރު ޔަމަނުގައި އަމިއްލަ ސަރުކާރެއް އެކުލަވާލައިފައިވާ ހޫތީއިންވަނީ އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ހަމަލާދޭދިނުން ނުހުއްޓާނަމަ ރަތްކަނޑު ހުރަސްކޮށް އިޒްރޭލައް ދަތުރުކުރާ ކަނޑު ބޯޓުފަހަރަށް އަމާންކަމެއް ނެއްކަން ހާމަކޮށްފައެވެ. މިހާތަނަށް އައިއިރު ހޫތީންވަނީ ބަޔެއް އުޅަނދުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އަދި އަނެއްބައި އުޅަނދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ.
ހޫތީންގެ ހަމަލާތަކާއި ގުޅިގެން ބަޔެއް ޝިޕިން ލައިންތަކުން ރަތްކަނޑު ހުރަސްކޮށް ދަތުރުކުރުން ވަގުތީގޮތުންވަނީ މެދުވެސް ކަނޑާލައިފައެވެ.