ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިހާރުގެ ސަރުކާރަށް ފެންނާތީ، އެ މައްސަލަ އަލުން ރިވިއުކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާއި ހަވާލުކޮށް، އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން މިއަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ވަނީ ހަވާލުކޮށްފައިވާ ކަމަށެވެ.
މިގޮތުން މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާ ކަމަށާއި، އަދި މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެގެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާއިފައި ކަމަށެވެ.
މި މަސައްކަތް ވިލަރެސްކުރުމަށްޓަކައި އެކުލަވާލި ހާއްސަ އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަލްފާޟިލް އަޙްމަދު ޝިއާންއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިއަދު ނެރުނު ބަޔާނުގައި ވަނީ އާންމުކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ، މި ސިޓީއަކީ މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަމުގައިވީނަމަވެސް، މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑްތަކުން ފެންނަން ނެތްކަމަށެވެ.
މީގެ އިތުރުން، މި ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތްކަމަށްވެސް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކަށްފަހު، ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް އޭޖީ އޮފީހުން ނިންމައިފައިވާ ކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
								
											

														
														
														
														
														
														
														