މާފުށި ޖަލު - ފޮޓޯ: އަވަސް

ނުރައްކާތެރި ހަތިޔާރު ހޯދަން މާފުށީ ޖަލު ފާސްކުރަނީ

މާފުށީ ޖަލުގެ ޔުނިޓް-4 ގައި ނުރައްކާތެރި ހަތިޔާރު ގެންގުޅޭކަމުގެ އަޑުތައް ރެއިން ފެށިގެން މީޑީއާގައި ގަދަވެފައި ވަނިކޮށް، މާފުށީ ޖަލުން ނުރައްކާތެރި ތަކެތި ހޯދަން ބަލާ ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ކަމަށާއި، އެ އޮޕަރޭޝަން ފަށައިގެން ނިމެންދެން ވީޑިއޯ ކުރާނެ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޖަލު ގޮޅިތައް ބަލާ ފާސްކުރަމުންދަނީ ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ބަދަލުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލަ އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނެވެ. މިޙާރުވެސް އެސްއޯ ފުލުހުން ދަނީ ޖަލު ގޮޅިތައް ބަލާ ފާސްކުރަމުންނެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލްތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށް މިންވަރަކަށް ކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަން." ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިތުރަށް ކަރެކްޝަންސް އިން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން މިމިނިސްޓްރީއިން ގެންގުޅޭ ސިޔާސަތަކީ ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށްފެންނަ އުޞޫލަކުން މަޢުލޫމާތު ހާމަކޮށް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް