ބޭރު ޤައުމުތަކުން ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވައިފައި ކަމަށެވެ.
މިގޮތުން މި ނިންމެވުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޙާއްޞަކޮށް 'އެންޑެމިކް' ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ޤަވާއިދުން، އޮންނަ އުޞޫލެއްގެ މަތިން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކަނަޑއަޅުއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ، ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު 'އޮން އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭ ގޮތަށް ނިންމަވާފައިވާ ކަމަށެވެ.
ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުމަށް އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމަވައިފަ އެވެ. އަދި ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.
މި ނިންމުންތައް ނިއްމާފައި މިވަނީ، ރާއްޖެއިން މީގެ އެތައް އަހަރުތަކެއްގެ ކުރިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައިވާ، ފައިލޭއިރާ ބަލި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކިބައިން ފެނުމުންނެވެ. އެގޮތުން މިހާތަނަށް 32 ބިދޭސީއަކު ވަނީ މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ބިދޭސީން ރާއްޖެ އެތެރެވާއިރު މެޑިކަލް ހެދުމުގައި އުސޫލުތަކެއް ކަނޑައަޅައިފައި އޮންނައިރު، މީގެ ކުރިން ވޯކްޕާމިޓުގައި ރާއްޖެ އެތެރެވާ ބިދޭސީއަކަށް ވިސާ ޖަހައިދިނުމުގެ ކުރިން މެޑިކަލް ހުށަހެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދިން ބައެއް ލުއިތަކަކާއެކު، މި އުސޫލަށްވެސް އޮތީ ލުއިތަކެއް ދީފައެވެ. އެގޮތުން ރާއްޖެ އެތެރެވާ ބިދޭސީން މެޑިކަލް ޗެކްއަޕް ހެދުން މިހާތަނަށް އޮތީ އިހުތިޔާރީ ކަމެއްގެ ގޮތުގަ އެވެ.
								
											

