ރައީސް މުޢިއްޒު ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.

ރައީސް އެންމެފަހުން ވަޑައިގަތީ ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށެވެ. އެ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހުގެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ޙައްޤުޤައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށެވެ. ކޮޕް29ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވާއި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ