ޒުވާނުންގެ ޖަޒުބާތު ބޭނުންކޮށްގެން ހަލަބޮލިކުރާތީ ރައީސްގެ ކަންބޮޑުވުން!

އުސް އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތް ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ސިޔާސީ މީހުންނަށް ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ޤައުމީ ޓީވީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޒުވާނުންގެ މެދުގައި އޮތީ ހަގީގަތުގައި ވެސް ސީރިއަސް ކަންބޮޑުވުންތަކެއް ކަމަށާއި މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާނެ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތުކޮށް އަނިޔާވެރިވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"މިހާރު ފެނިގެން އެބަދޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން، ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ތަން. މި ފެންނަނީ އެކަން ކުރަން ބަޔަކު އުޅޭތަން. އަޅުގަނޑު ހިތުން އެއީއެއް ނޫން އެ ކުދިން ވެސް ބޭނުންވާނެ ގޮތަކީ. އަދި އެއްވެސް އިންސާފާއި ހަމައަށް ލޯބިކުރާ މީހަކު ބޭނުންވާ ގޮތަކީ،" ރައީސްގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހާދިސާއާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އެ މަނިކުފާނު ބަލައިގަންނަ ކަމަށާއި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މުޒާހަރާތައް ފެށިގެން އައިއިރު އޮތީ ވަރަށް ސީރިއަސް ކަންބޮޑުވުންތަކެއްކަން ވެސް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ، ޓަކި ނުޖެހޭނެ ފަރާތެއް ނުހުންނާނެ." ކަމަށް ވިދާޅުވެ ރައީސް އިތުރަށް ވިދާޅުވީ "ބޭރު ގައުމަކުން އެހީ ހޯދަން ވިޔަސް އެކަން ކުރުމުގެ ބާރު ކޮމިޝަނަށް އޮންނާނީ ދީފައި. އެހެންވީމާ ވަރަށް ބޮޑެތި ބާރުތަކާ އެކު ކޮމިޝަން މި އުފެއްދީ. ދެން އިރާދަކުރެއްވިއްޔާ އެ ފައިންޑިންގްސްތައް ލިބިގެންދާނެ، ދެން ފުލުހުން އެ ކުރިއަށް ގެންދާ ތަހުގީގު ވެސް ހަމަ ކުރިއަށް ދާނެ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

ރައީސްގެ މައްޗަށް އެެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ "އަޅުގަނޑުގެ މައްޗަށް ބާރު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑަކަށް ނުފޫޒު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ." ކަމަށާއި "އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށް. އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް. ރައްޔިތުންނޭ އަޅުގަނޑަށް ވޯޓުދީ ހޮވާފައި މި ހުރީ. އެހެންވީމަ އަޅުގަނޑަކަށް މުހިންމެއް ނުވާނެ އެއްވެސް މީހަކު ހިމާޔަތް ކުރުމެއް،" ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ