ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު އާއި ކުރީގެ ރައީސް މައުމޫނާއި ބައްދަލުކުރެއްވިކަން ހާމަކުރެއްވީ ރައީސް އޮފީހުންނެވެ. މިއީ ރައީސް ޑރ. މުޢިއްޒު ވެރިކަން ލިބިވަޑައިގެންނެވި ފަހުން ރައީސް މައުމޫންއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއިވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް ބައްދަލުކުރެއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި، ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަފީފް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް ހިމެނެއެވެ.
								
											

														
														
														
														
														
														
														