ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއިވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް ބައްދަލުކުރެއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި، ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަފީފް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް ހިމެނެއެވެ.
								
											


														
														
														
														
														
														