ތިލަމާލެ ބްރިޖު

ބްރިޖު 2025 އަށް ވިލިމާލެއާއި ހަމައަށް ނިއްމައިދިނުމަށް ވަނީ އެދިފައި: ރައީސް

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުން ކަމަށާއި، ބްރިޖުގެ މަސައްކަތް ވިލިމާލެއާއި ހަމައަށް 2025 ވަނަ އަހަރަށް ނިއްމައިދިނުމަށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް  މިހެންވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އެ މަސައްކަތް އިންޑިއާ ކުންފުންޏާއި ހަވާލުކޮށްފައި އޮތް ގޮތުން އެ މަސައްކަތް ނިމެން އަދި 2 އަހަރު ނަގާނެ ކަމަށެވެ. އެގޮތުން މިހާރު އޮތީ 2026 ފަހުކޮޅު، 2027 ގެ ކުރީ ކޮޅު އެ މަސައްކަތް ނިމޭ ގޮތަށް ކަމަށް ރައީސް ފާހަގަކުރިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަނީ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ބަދަލުކުރެވޭތޯ ކަމަށެވެ.

"އޭގައި އެބަހުރި ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް ދެ ގައުމުގެ އިސް ލެވެލުން ގޮތް ނިންމައިގެން އަވަސް ކުރެވޭނެ. އަޅުގަނޑުމެން މި ތިބީ ކުރަން ބޭނުން ވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި، މިހާރު އެކަމަށް ރަނގަޅު ޓީމެއް ގެނެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، 2025 ނުވަތަ 2026ގެ ކުރީކޮޅަށް މަސަކަތް ނިންމުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށާއި، އެގޮތުން 2025 ވަނަ އަހަރުގެ ކުރީ ކޮޅަށް ވިލިމާލެއާ ހަމައަށް ބްރިޖު ނިންމައިދިނުމަށް އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ