ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން މިއަދު އިއްވަވަމުންނެވެ. މިއީ އެމަނިކުފާނު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ޙާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިގޮތުގައި، ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާންވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ، އާމްދަނީއާ އަޅައިބަލާއިރު ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށެވެ.
އެހެންކަމުން ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަކުރިއެވެ.
"މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.




