ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ސަރުކާރުން ނިންމައިފި އެވެ.
ހާގޭ ގެންގޮބް، 82، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރަނީ މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ޖުމުލަ ދެ ދުވަހަށް ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.
ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
ގެންގޮބް އަކީ ނެމީބިއާގެ ތިންވަނަ ރައީސް އެވެ. އަމިނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2015 ވަނަ އަހަރެވެ. އެމަނިކުފާނު އަވަހާރަވިއިރު، އެމަނިކުފާނު ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރު ފުރުއްވަމުންނެވެ.
ނެމިބިއާގެ ރައީސް އަވަހާރަވުމާއި ގުޅިގެން، ވަގުތީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ، އެ ގައުމުގެ ނައިބް ރައީސް ނެންގޯލޯ އެމްބުމާ އެވެ.
								
											

														
														
														
														
														
														
														