ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ޙަރަދުގައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް މި އަހަރުގެ ފުރަތަމަ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާއި ސުލޫކު މުޖުތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އުފައްދާފައިވާކަން ފާހަގަކޮށް، މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ރޭވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދޭނެ ކަމަށެވެ. އަދި މިގޮތުން މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުޞަތު ދެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވެގެންދާނީ ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަކަށެވެ. އަދި ރަމަޟާންމަހުގެ ފަހުދިހަ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުވުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީ.ވީ. ޗެނަލެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.




