މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކާއެކު ފޮޓީޯއަކަށް ހުއްޓިގެން - ފޮޓޯ: ރައީސް އޮފީސް

އައިސް އުފައްދާ ސިސްޓަމް ހަރުކުރާ އޮޑިވެރިންނަށް އެވޯޑް ލެޓަރ ހަވާލުކޮށްފި

މަސް ދޯނިފަހަރުގައި ލޮނުފެނުން އައިސް އުފައްދާ ސިސްޓަމް ހަރުކުރާ އޮޑިވެރިންނަށް ލޯނު ފެސިލިޓީ (އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީ)ގެ އެވޯޑް ލެޓަރ މިއަދު ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާއެވެ.

މަސްވެރިން ބާނާމަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީއަށެވެ. އެހެންކަމުން މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ޤާއިމުކުރުމަށް މަސްވެރި ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުގެ މަތީން މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މަސްވެރި ސިނާއަތުގައި އިޤްތިޞާދީ ނަފާ އިތުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ. މި މަޝްރޫޢު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.

މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރުވަނީ ފަހިކޮށްދީފައެވެ.

އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ