މާފުށީ ޖަލު - ފޮޓޯ: މިހާރު

މާފުށި ޖަލުގައި ހިނގި ކަންކަން ޓްރާންސްޕޭރަންސީން ކުއްވެރިކޮށްފި

މި ދިޔަ ބުފާސްފަތި ދުވަހު މާފުށީޖަލުގައި ގައިދީންނާއި ޖަލުބަލަހައްޓާ އޮފިޝަލުންނާއި ދެމެދު ހިނގި ކަންކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުއްވެރިކޮށްފިއެވެ.

މި ހަމަނުޖެހުންތައް ކުއްވެރިކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ 20 ޖޫން 2019 ވީ ބްރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންތަކަކަށް، ޖަލުބަލަހައްޓާ އޮފިޝަލުންގެ ތެރެއިން ބަޔަކު، ލާއިންސާނީ އަނިޔާކޮށް އެމީހުންގެ ބޯ ބާލާ، އެކިވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުން އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

މި ހަމަނުޖެހުންތަކަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކުގައިވެސް ކުއްވެރިކޮށްފައިވާ ކަންކަމަށްވާތީވެ، ތިރީގައިވާ ކަންކަން މިހާރުންމިހާރަށް ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

  • މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޒަހަމްވެފައިވާ ފަރާތްތަކަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުން
  • މި ލާއިންސާނީ އަމަލު ތަހުގީގުކޮށް މި ކަމުގައި ކުއްވެރިވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން
  • އަނިޔާލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމުފގެ މަސައްކަތް ހާމަކަމާއެކު ދައުލަތުގެ ހުރިހާކަމާބެހޭ ފަރާތްތަކުން ގެންދިއުން
  • މާޒީގައި ހިނގާފައިވާ އަނިޔާގެ އަމަލުތައްބަލާ އެކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފުލިބިދޭނެޖެހޭކަމަށް މި ޖަމިއްޔާއިން ޤަބޫލުކުރަމެވެ. އެހެންކަމުން މާޒީގައި ހިނގާފައިވާ އަނީޔާތައް ބެލުމަށް ޓްރުތް އެންޑް ރިކޮންސިލިއޭޝަންގެ މަސައްކަތްތައްވެސް ލަސްނުކޮށް ފެށުން
  • ހިއުމަން ރައިޓްސް ކޮމިޝަންފަދަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ލާއިންސާނީ ހަމަލާ ހުއްޓުވުމަށް އިހުމާލުވެފައިވާ މިންވަރުބަލާ ވަކިން ޙާއްސަކޮށް ހިއުމަންރައިޓްސް ކޮމިޝަން ޖަވާބުދާރީ ކުރުވުން
  • މި ކަމުގެ ތަހުގީގު، ހާމަކަމާއެކު އާންމުންނަށް އިނގޭނެހެން ކުރިޔަށްގެންދިއުން

ދިވެހިރާއްޖޭގެ ޖަލުތަކުގައި ޒަމާނުއްސުރެ، ލާއިންސާނީ އަނިޔާ އާންމުވެ، އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް މިއަދާއި ހަމައަށްވެސް އިންސާފުނުލިބި، އެފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގިފަރާތްތައް އަދާހަމައަށްވެސް ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިނުވާކަން ޓްރާންސްޕޭރަންސީއިން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ