އެސްޓީއޯ ހެޑްއޮފީސް. ފޮޓޯ: އަވަސް

15.4 ބިލިއަން ރުފިޔާ މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު

15.4 ބިލިއަން ރުފިޔާ މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ކުންފުނީގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައި ކަމަށެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި ހަ އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރެވިގެން ދިޔުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި އެކަމުގެ ސަބަބުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވެފައިވުންވެސް ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންނަމަވެސް، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އާމްދަނީ ދަށްވުމާއެކު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ ކަމަށާއި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލައި އަށް އިންސައްތަ ދަށްކުރެވިފައި ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.

އެސްޓީއޯއިން ބުނީ 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާ ކަމަށެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ދަށްވުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއެކު ޖުމްލަ ފައިދާ ދަށްވެފައިވުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 741 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

 

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ