މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާ ކޮންމެ 48 ގަޑިއިރުތެރޭ މެދުނުކެނޑި ދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން 10 ޑިސެމްބަރު 2024 އިން ފެށިގެން މިއަދާ ހަމަޔަށް 48 ގަޑިއިރުތެރޭ ފައިސާދިނުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ 10 ޑިސެމްބަރުން 2024 އިން ފެށިގެން މެދުނުކެނޑި މިއަދާހަމައަށް ކޮންމެ 48 ގަޑިއިރެއްގެ ތެރޭ ދޫކުރެވުނު ފައިސާގެ އަދަދު 488 މިލިއަންއަށް ވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށެވެ.
"މި ސަރުކާރު އައިފަހުން މަސްވެރިންނަށް މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާ" ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްގައި ރައީސް ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖެހިފައިވާ އުސޫލުން މެދުނުކެނޑި ދެވޭނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި މަސްވެރިންނަށް ޔަގީންކަން އަރުވާފައެވެ.



