.
ރާއްޖެއިން އދ. (ޔުނައިޓެޑް ނޭޝަންސް) އާ ގުޅުމަށްފަހު މިވީ 60 އަހަރުތެރޭގައި އދއިން ވަނީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އދ. ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މި ހަފްލާގައި ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށްވީތާ 60 އަހަރު އަދި އދ. އުފެދުނުތާ 80 އަހަރު ފުރުން ވަނީ ފާހަގަކޮށްފައެވެ.
ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖެއިން އދ.ގެ މެންބަރު ގައުމަކަށްވުމަށް ނިންމި ނިންމުމަކީ ރާއްޖެއިން ފަހުރުވެރިވާ ނިންމުމެއްކަމަށާއި، ރާއްޖެއަކީ ކުޑަ ގައުމަކަށްވީނަމަވެސް އދ.ގެ މެންބަރަކަށްވީ އިތުބާރާއި އުންމީދާއިއެކުގައިކަމަށެވެ. ރާއްޖެއިން އދ.ގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން ދައްކުވައިދެނީ ކިތަންމެ ކުޑަ ގައުމަކަށްވީނަމަވެސް އަޑު އުފުލޭނެކަމާއި އަދި އަޑުއުފުލަންޖެހޭކަންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި އދ. އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުން (އެލްޑީސީ) ތަރައްޤީވަމުން އަންނަ ގައުމަކަށް ބަދަލުވި 3 ވަނަ ގައުމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް (ސިޑްސް) ގެ ގައުމަކަށްވުމުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން ކާމިޔާބު ހާސިލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު އދ. ގެ ޖެނެރަލް އެސެމްބްލީއާއި ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުމަކީ ފަހުރުވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، ވަޒީރު ވިދާޅުވީ، އަބަދުވެސް ރާއްޖެއިން އދ.ގެ އުސޫލުތައް ހިފަހައްޓައި އދ.އާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށެވެ. "މި ފަހަގަކުރަމުންދާ އދ. ދުވަހު ރާއްޖެއިން އަބަދުވެސް ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަމާއި، ސަލާމަތް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ސޯސަލް ޕްރޮގްރެސްއަށް ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަންދެން." ވަޒީރު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ހައޯ ޒަންގް ވިދާޅުވީ، ރާއްޖެއަކީ އދ. ގެ ގައުމުތަކުގެ ތެރޭގައިވެސް ވަރަށް އެކްޓިވްކޮށް މަސައްކަތްކުރާ ގައުމެއްކަމަށެވެ. މިވީ 60 އަހަރުގެ ތެރޭގައި އދ. އިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މި ހަފްލާގައި ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށްވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި މުއްދަތުގެ ތެރޭގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި އެކުގައި ކުރެވުނު މަސައްކަތްތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ހަފްލާގައި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާ ފަރާތްތައް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށް ވެފައިވަނީ 1965 ވަނަ އަހަރުއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
