ސައިބަރ ކްރައިމް ހުއްޓުވުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އ.ދ. އިން އެކުލަވާލި މުއާހަދާ، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިއާއެކު ރާއްޖެ ވެފައި މިވަނީ މި މުހިންމު މުއާހަދާގައި އެންމެ ފުރަތަމަ ބައިވެރިވި ޤައުމުތަކުގެ ތެރޭގައެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ސައިބަރ ކްރައިމްއާ ދެކޮޅަށް ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެ ތެރެއިންނެވެ.
މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީތެރިވުމެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ މަސައްކަތް އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނަމަވެސް، ޤައުމުތަކުން ސޮއިކުރަން ފެށީ މިއަދުއެވެ.
މި ތާރީޚީ މުނާސަބަތާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް ވަސީލަތުގެ ދަތިކަމާއެކު މިފަދަ މައްސަލަތަކުގެ ނާޒުކުކަން ބޮޑުވެއެވެ. ނަމަވެސް، ޑިޖިޓަލް ޕްލެޓްފޯމަކީ ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
މި މުއާހަދާގެ ސަބަބުން ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުވެ، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެއެވެ. ވަޒީރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ސައިބަރ ކްރައިމްގެ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި، އެގޮތުން ހިރާސްތައް ކުޑަކުރުމާއި، ޤާނޫނީ ގޮތުން މި މައްސަލައަށް ރިޢާޔަތްކުރުމާއި، ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކަށައެޅިގެންދާނެ ކަމަށެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ ތަފާތު ބާވަރުގެ ކުށްތައް އިތުރުވެގެންދިއުމަކީ މިހާރު ހުރިހާ ޤައުމަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިފަދަ ކުށްތަކުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ޤައުމުތަކަށް ވަމުންދާތީ، މި މައްސަލައަށް ޤައުމުތަކުން ވަރަށް ޚާއްސަ އިސްކަމެއް ދެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހައިލެވެލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެ، މުހިންމު މަޝްވަރާތަކުގައި ޙަރަކާތްތެރިވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
