ރައީސް މުޢިއްޒު ކެއުޅުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކެއުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވަނީ އެ ބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާކަން ފާހަަގަކުރައްވާފައެވެ.

އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުންއައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. ހަމައެހެންމެ ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތް ކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތް ކުރައްވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ