އިންގިލާބީ ބަދަލުތަކަކާއެކު އެކުލަވާލާފައިވާ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި މާސްޓަރ ޕްލޭން އިފްތިތާޙްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މާސްޓަރ ޕްލޭން އަލުން ރިވައިޒްކޮށްފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއެކު، އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް ހޯދާފައިވެއެވެ.
ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށުނު ފުރަތަމަ ޝަހަރެވެ. 2004 ވަނަ އަހަރު ފުރަތަމަ ފޭސް ހިއްކައި، މީހުން އާބާދުވާން ފެށި ހުޅުމާލޭގެ ފޭސް އެކެއްގައި 194 ހެކްޓަރު ހިމެނޭއިރު، އެއީ އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދެކެވެ. އަދި ފޭސް ދޭއްގައި 251 ހެކްޓަރު ހިމެނޭއިރު، އެއީ ދެލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކުރަމުންދާ ސަރަހައްދެކެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއް ދައްކާލުމުގެ އިތުރުން، އެޗްޑީސީގެ އައު ވެބްސައިޓު ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި އައު މާސްޓަރ ޕްލޭންގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ. މި މާސްޓަރ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަޙައްދު މިހާރުގެ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައު މާސްޓަރ ޕްލޭންގައި ބިން ބޭނުންކުރުމަށް ރޭވިފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ޖާގައެއް ޚާއްސަކުރެވިފައިވަނީ ގްރީން ސްޕޭސް، ސްޕޯޓްސް އަދި ރެކްރިއޭޝަނަށެވެ. މިއީ ޖުމްލަ ބިމުގެ 30.62 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު ޖާގައެއް ކަނޑައަޅާފައިވަނީ ރެޒިޑެންޝަލް ބޭނުންތަކަށް ކަމަށްވާއިރު، އެއީ 29.84 އިންސައްތައެވެ.
ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ ބިން ކަނޑައަޅާފައިވާއިރު، އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5.76 އިންސައްތަ އަދި ކޮމާޝަލް ބޭނުންތަކަށް 5.56 އިންސައްތަ ބިން ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް 3.64 އިންސައްތަ އަދި މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯނަށް 1.44 އިންސައްތަ ބިން ވަނީ ކަނޑައަޅާފައެވެ.
މި މާސްޓަރ ޕްލޭންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ގުޅުވާލުމަށް 11 ކަނެކްޝަން ޤާއިމުކުރުމެވެ. މީގެ އިތުރުން ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކަށްވެސް ބިންތައް ވަނީ ކަނޑައަޅާފައެވެ.
އެޗް.ޑީ.ސީން ފާހަގަކުރާ ގޮތުގައި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށާއި ދުރު ރާސްތާއަށް ވިސްނައިގެން އެކުލަވާލެވިފައިވާ މާސްޓަރ ޕްލޭނެކެވެ. މި ޕްލޭންގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުންވެސް ހިމެނެއެވެ. އަދި އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދިނުމަށްޓަކައި ފައިނޭންޝަލް، ޓޫރިޒަމް، ކަލްޗަރަލް އަދި ރެކްރިއޭޝަނާއި އިވެންޓް ސްޕޭސްތައް ތަރައްޤީކުރުމަށްވެސް ވަނީ ރޭވިފައެވެ.




