ބައިނަލްއަޤްވާމީ ވަފުދަށް އިޒްރާއިލުން ހަމަލާދިނުން ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރާއިލުން ފަލަސްޠީނުގެ ޖެނީންގައި ބައިނަލްއަޤްވާމީ ވަފުދަށް ހަމަލާދިނުން ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ބަޔާނެއް ނެރެފައިވެއެވެ. އެބަޔާނުގައި ބުނެފައިވަނީ، އެ ވަފުދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފު މި ނުރައްކާތެރި ޢަމަލަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ކަންބޮޑުވާންޖެހޭ އަދި އެއްވެސް ޝައްކެއްނެތް ގޮތުގައި ކުށްވެރިކުރަންޖެހޭ ކަމެއްކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، 1961 ވަނަ އަހަރުގެ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ޑިޕްލޮމެޓުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިޒްރާއީލުގެ ޒިންމާތަކާ ޚިލާފު، އަދި ޑިޕްލޮމެޓިކް މުޢާމަލާތްތަކުގެ އިންޓެގްރިޓީއަށް އުނިކަން އަންނާނެ ކަމެއްކަމަށެވެ.

ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަނީ، މި ޚިލާފުވުންތަކާ މެދު ފިޔަވަޅު އެޅުމަށާއި، ޖަވާބުދާރީކުރުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، މުޢާހަދާތަކާއި، ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ރައްކާތެރިކުރުމަށް އަޚްލާޤީ އަދި ޤާނޫނީ ޒިންމާ އަދާކުރުމަށެވެ.

ހަނގުރާމައިގެ ވަގުތުތަކުގައި ވެސް، ޑިޕްލޮމެޓިކް މުވައްޒަފުންގެ ރައްކާތެރިކަމަކީ ހުރިހާ ވަގުތެއްގައިވެސް ނިގުޅައިނުގަނެވޭނެ ކަމެއްކަމުގައި ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށްވެސް ބުނެފައިވެއެވެ.

އިޒްރާއިލުން ބައިނަލް އަޤްވާމީ ވަފުދަށް ދިން މިހަމަލާ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ދަނީ ކުށްވެރިކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ