އަޤްޞާއަށް ވަދެ އިސްރާއީލުގެ ވަޒީރު މިސްކިތުގެ ޙުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި، ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ ޢަމަލެއްކަމަށެވެ.

މީގެއިތުރުން، އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ޙުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައްވާފައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި އިސްލާމްދީނުގައި އެންމެ މުޤައްދަސް ތިން ތަނުގެ ތެރެއިން އެއް ތަންކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ މުޤައްދަސް ތަނެއްގެ ޙުރުމަތް ކެނޑުމަކީ މުޅި މުސްލިމް އުންމަތުގެ މަޝްޢަރުތަކަށް އަރައިގަތުން ކަމުގައި ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ