އިންސާނީ ޙައްޤުތަކާ ބެހޭ ރިވިއުގެ ވަރކިން ގުރޫޕުގައި ރާއްޖެއިން ބައިވެރިވާނެ: ޚާރިޖީ ވުޒާރާ

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ނުވަތަ އިންސާނީ ޙައްޤުތަކަށް އެޅޭ ފިޔަވަޅުތައް މުރާޖަޢާކުރާ ވަރކިން ގުރޫޕުގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

50 ވަނަ ޔޫޕީއާރުގެ ވަރކިން ގުރޫޕު ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްސްޒަލޭންޑްގެ ޖެނީވާގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ދިވެހި ވަފުދު މިހާރު ވަނީ ޖެނީވާއަށް ގޮސްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ޔޫޕީއާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށެވެ. މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާނެއެވެ. އަދި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބިނާކުރަނިވި ލަފާ ހުށަހަޅާނެ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެކަމަނާއާއެކު މި ވަފުދުގައި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ހާމިދާއި، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް ބައިވެރިވެ ވަޑައިގަންނަވައެވެ.

މީގެ އިތުރުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ރިވިއު ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާ ބައެއް ސެޝަންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫޕީއާރު ވަރކިންގ ގުރޫޕުގައި ރާއްޖޭގެ އިތުރުން 13 ޤައުމަކުން ބައިވެރިވެއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) އަކީ، އ.ދގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ މުރާޖަޢާއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކުންވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓްކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. ޔޫޕީއާރުގެ ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ