ޣައްޒާގައި ހިފެހެއްޓިފައިވާ އިޒްރޭލީ ރަހީނުންގެ އާއިލާތަކުން، އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް އަމާޒުކޮށް ކުރަމުންދާ ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.
މިއީ ޣައްޒާގައި ހިންގަމުންދާ ސިފައިންގެ އޮޕަރޭޝަންތަކާއި މަރުގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމީހުންގެ ލޯބިވާމީހުން ސަލާމަތްކުރުމުގެ އުއްމީދު ކުޑަވަމުންދާތީއެވެ.
ހޮނިހިރު ދުވަހު ތެލް އަވީވް، ޝަރު ހަނެގެވް ޖަންކްޝަން، ކިރިޔަތް ގަތް އަދި ޖެރޫސަލަމްގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުނެވެ. "ހޮސްޓޭޖަސް އެންޑް މިސިންގ ފެމިލީސް ފޯރަމް" އިން ވަނީ އިޒްރޭލު ސަރުކާރުން އެމީހުންގެ ލޮބުވެތިން އަނބުރާ ގެނައުމަށްވުރެ ހަނގުރާމައަށް އިސްކަންދޭ ކަމަށް ބުނެފައެވެ.
ތެލް އަވީވްގައި ބޭއްވުނު މުޒާހަރާގައި ވާހަކަދެއްކި، ހިފެހެއްޓިފައިވާ މަތަން ޒަންގައުކަރުގެ މަންމަ، އެއިނަވް ޒަންގައުކަރު ވަނީ ނެތަންޔާހޫއަށް އަމާޒުކޮށް ސުވާލުކޮށްފައެވެ. "ބޮޑުވަޒީރު، ކިހިނެއްތޯ ރޭގަނޑު ނިދެނީ އަދި ހެނދުނު ހޭލެވެނީ؟ 58 ރަހީނުން ދޫކޮށްލާފައި ތިބެ، ކިހިނެއްތޯ ލޮލަށް ބެލެނީ؟"
އާއިލާތަކުގެ ކަންބޮޑުވުން އިތުރުވެފައިވަނީ ނެތަންޔާހޫ އިޒްރޭލުގެ އިންޓެލިޖެންސް އޭޖެންސީ ޝިން ބެޓްގެ އައު ވެރިއެއްގެ ގޮތުގައި މޭޖަރ ޖެނެރަލް ޑޭވިޑް ޒިނީ އައްޔަންކުރުމާ ގުޅިގެންނެވެ. ޒިނީ ވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް އެއްވެސް އެއްބަސްވުމަކަށް ދިއުމާމެދު ދެކޮޅުހަދާ ކަމަށް ބުނެފައެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ހަމްދާ ސަލްހުޓް ވިދާޅުވި ގޮތުގައި، ނެތަންޔާހޫގެ މި އައު އައްޔަންކުރުމަކީ ޣައްޒާގެ ހަނގުރާމައިގައި އަސްކަރީ ބާރުގެ ބޭނުންކުރުމާއި ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ބޭނުންވާތީ ކުރެވުނު އައްޔަންކުރުމެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން ނެތަންޔާހޫއަށް ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅަމުންދާކަން ފާހަގަކުރެއްވިއެވެ.