ޣައްޒާގައި ހަމާސް އާއި އިޒްރާއިލާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް ބްރިޓިޝް ނޫސް ކަމަށްވާ ގާޑިއަންގައި ޖޭސަން ބާކްގެ އާޓިކަލް އެއްގައި ފާހަގަކޮށްފައިވެއެވެ.
މިހާރު ސުވާލަކީ އެއްބަސްވުމެއް ވެވޭނެތޯ ނޫން ކަމަށާއި، އެކަން ވާނީ ކިހާ އަވަހަކަށްތޯ ކަމަށް އޭނާ ބުނެފައިވެއެވެ.
އިޒްރޭލުން މިހާރު އާ އެއްބަސްވުމަކަށް އެއްބަސްވެފައިވާ ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ 24 ގަޑިއިރު ތެރޭގައި ހަމާސްއިން މި އެއްބަސްވުމަށް އެއްބަސްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މި އެއްބަސްވުން ރަސްމީކޮށް އިއުލާންކުރެވޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވޮޝިންގްޓަނަށް ކުރައްވާ ދަތުރުފުޅަށްފަހު ކަމަށް ލަފާކުރެވެއެވެ.
މި އެއްބަސްވުމަކީ ހަނގުރާމަ ފެށުނީއްސުރެ ވެވޭ ތިންވަނަ ހުއްޓުމުގެ އެއްބަސްވުން ކަމަށްވާނެއެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރު މުއްދަތެއްގެ ހުއްޓުމަކާއި، މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ޕްރެޝަރާއެކު ވެވުނު އެއްބަސްވުމެއް ވަނީ ހިމެނިފައެވެ.
ޖޭސަން ބާކްގެ ދެކޭގޮތުގައި މި އެއްބަސްވުން ތަފާތުވާނެ އެއް ސަބަބަކީ އިޒްރޭލާއި އީރާނާ ދެމެދު މިދިޔަ މަހު ހިނގި ކުރު މުއްދަތުގެ ހަނގުރާމައަށްފަހު ބާރުގެ ވަޒަންތައް ބަދަލުވެފައިވުމެވެ. މި ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަމާއެކު އީރާނާއި އޭގެ ސަރަހައްދީ ބައިވެރިން، އޭގެ ތެރޭގައި ހަމާސްވެސް ހިމެނޭގޮތަށް، ވަނީ ބަލިކަށިވެފައެވެ.
ނެތަންޔާހޫއަށް މި އެއްބަސްވުމުން ސިޔާސީ ފައިދާތަކެއް ލިބިދާނެ ކަމަށް ބާކް ފާހަގަކުރެއެވެ. އީރާނާ ދެކޮޅަށް ލިބުނު "ކާމިޔާބީ" އާއި، ޣައްޒާގެ ހަނގުރާމަ ހުއްޓުވައި، ހަނގުރާމައިގެ ބަންދީން ދޫކޮށްލުމުގެ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަކީ ކުރިއަށް އޮތް އިންތިޚާބުގައި އޭނާއަށް ފައިދާވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.