ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިދުމަތް އިފްތިތާޙްކުރުމަށްފަހު 4 ޙައްޖުވެރިއަކަށް ޕާސްޕޯޓު ހަވާލުކުރެވުނެވެ. މިގޮތުން ފުރަތަމަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދެވަނަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ތިންވަނަ އަދި ހަތަރުވަނަ ޙާޖީންނަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ އެކި އިސް ބޭފުޅުންނެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ފުރަތަމަ ގްރޫޕުގެ 234 ޙައްޖުވެރިންނާ ބައްދަލުކުރައްވާ އަލްވަދާޢު ވިދާޅުވެފައެވެ.



