މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ދެ ޤައުމުގެ އަޚުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް: ރައީސް މުއިއްޒު

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ އަޚުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ތާރީޚީ ކަމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އަދި މި ޚިދުމަތާއެކު ޙައްޖުގެ އަޅުކަމަށް ސައުދީއަށް ކުރާ ދަތުރުތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ފައްޓަވައި އެ އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީތީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލްސުއުދާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްޢަޒީޒް އަލްސައުދުއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އަދި މިއީ އިސްލާމް ދީނާއި އިސްލާމީ އުންމަތަށް ޚިދުމަތް ކުރުމުގައި ސައުދިއަރަބިއްޔާއިން ކުރައްވާ މަސައްކަތުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، މިއަހަރު ފުރަތަމަ ފަހަރަށް ޙައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ގާއިމުކޮށްފައިވާ ކަމަށާއި މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ސައުދިއަރަބިއްޔާގައި ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައި ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި ބީއެމްއެލުން ޙައްޖުވެރިންނަށް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1750 ޑޮލަރަށް ބޮޑުކޮށްދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ