މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން ބަހައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވަނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ބޮލަކަށް 5000 ރުފިޔާގެ މަގުންނެވެ. މިއީ މިދިޔަ އަހަރު ބެހި 4000 ރުފިޔާއަށްވުރެ 1000 ރުފިޔާ އިތުރު އަދަދެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ދަފްތަރުވެފައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ މެއިމަހުގެ ތެރޭގައި ގެނައި އެންމެ ފަހުގެ ބަދަލާއެކު، މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރަންރިހީގެ އަގަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު އަންނަމުންނެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ