ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް ދިވެހި ސަރުކާރުން ދޮގުކުރައްވައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތަކަކީ ޙަޤީޤަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ކަމަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ހިޔާލެއް ކުރެވި ނުވަތަ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ ފަހުކޮޅު ސްރީލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއް ޤާއިމްކުރުމަށް ވާހަކަދެކެވޭނެ ކަމަށް ވެސް އެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް، ސްރީލަންކާގެ ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އަދި އެ ދަތުރުފުޅުގައި ސޮއިކުރެވިދާނެ އެއްބަސްވުންތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ.




