ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން 2 ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެއްޖެ: ވަޒީރު ސަޢީދު

ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ ފުޅާވަމުން އަންނަ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވ ީޗައިނާގެ ވެއިހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ. ލޓޑ. އަދި ޖިންގްވެއިދާއޯ ބްރޭންޑް ޓީމުން ދިވެހިރާއްޖެއިން ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުގައި ބަންދުކުރި މަސް އުފެއްދުމުގައި ކާމިޔާބު ހޯދުމާއި ގުޅިގެން އެކަން ފާހަގަ ކުރައްވައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލިބުނު ލުއިތަކާއެކު، ރާއްޖޭގައި ބާނާ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފެއްދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސްދީފައިވޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ތިމާވެއްޓާ އެންމެ ރަޙްމަތްތެރި ގޮތެއްގައި މަސްވެރިކަން ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދޮށީގެ މަސްވެރިކަމުގެ އުސޫލުން މަސް ބޭނުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ކަނޑުމަހުގެ އަގު ވަނީ އުފުލިފައެވެ.

މި އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. މީގެ އިތުރުން، ސީފުޑްގެ ބާވަތްތައް ރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތަށް އަގު އެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ