އެމްއެމްއޭއިން މާލީ ދާއިރާއިން މަތީ ތަޢުލީމު އުގެނުމަށް ސްކޮލަރޝިޕް ދެނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް 35 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްތަކަކީ އެމްއެމްއޭގެ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ.

އެމްއެމްއޭއިން މި ސްކޮލަރޝިޕްތައް ހުޅުވާލާފައިވަނީ މެލޭޝިއާގެ ނަން މަޝްހޫރު ދެ މަރުކަޒެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އަދި ޔުނިވަރސިޓީ އިސްލާމް ސެލަންގޯރ (ޔޫއައިއެސް) ގައި ކިޔެވުމަށެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް އަށް 10 ފުރުސަތު (5 ފުލީ ފަންޑެޑް އަދި 5 ޕާޝިއަލީ ފަންޑެޑް)، މައިކްރޯ ސެޓްފިކެޓް ފްރޮމް އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް އަށް 5 ފުރުސަތު، އަދި ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިންގ އެންޑް ފައިނޭންސް އަށް 20 ފުރުސަތު ހިމެނެއެވެ.

އެމްއެމްއޭއިން ބުނީ މި ސްކޮލަރޝިޕްތައް ދިނުމުގައި މެރިޓް އަދި ފައިނޭންޝަލް ނީޑްސް އަށް ބެލޭނެ ކަމަށާއި، އިވެލުއޭޝަން ޕްރޮސެސްގައި އިންޓަވިއުވެސް ހިމެނޭނެ ކަމަށެވެ. ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ.

މި ސްކޮލަރޝިޕްތަކަކީ އެމްއެމްއޭއިން ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ފަށާފައިވާ ސްޓްރެޓެޖިކް ޕްރޮގްރާމެއްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ދިވެހިރާއްޖެ އިސްލާމިކް ފައިނޭންސްގެ ސަރަޙައްދީ ހަބަކަށް ހެދުމެވެ.

މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 11:59 އެވެ. އިތުރު މަޢުލޫމާތާއި ޝަރުތުތައް އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ