ރަސްމީ ރިޒާވުގައި 810 މިލިޔަން ޑޮލަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވުގައި 810.05 މިލިޔަން ޑޮލަރު ހުރިކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި އޮގަސްޓު މަހުގެ ނިޔަލަށް 117.22 މިލިޔަން ޑޮލަރު ހުއްޓެވެ. ނަމަވެސް، ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކުގެ އަދަދު 738.63 މިލިޔަން ޑޮލަރަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، އޮގަސްޓު މަހުގެ ނިޔަލަށް މިއަދަދު ވަނީ 188.64 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 11.5 އިންސައްތައިގެ ދަށްވުމެކެވެ. ބޭނުންކުރެވޭ ރިޒާވަކީ ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމަންޓްތަކުން ކުރުމުއްދަތުގެ އިލްތިޒާމުތައް އުނިކުރުމުން އަންނަ އަދަދެވެ.

ރާއްޖޭގެ ރިޒާވު ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވަށް ނެގުމާއި، ބޭންކް އޮފް އިންޑިއާއާއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ.

އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަންޖެހެނީ މިއަހަރާއި އަންނަ އަހަރުއެވެ. އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު، ރިޒާވް ހަރުދަނާކުރުމަކީ މިވަގުތު އެންމެ މުހިންމު އެއް ކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ