އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު ކަމަށް އަސްނާ އައްޔަނުކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމަށް ގަލޮޅު ސިލްވަރުގެއާގެ، އަލްފާޟިލާ އައިޝަތު އަސްނާ ޙަމްދީ މިއަދު އައްޔަންކުރައްވައިފިއެވެ.

އަސްނާ މި މަޤާމަށް އައްޔަންކުރައްވާފައިވަނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާތު މަޤާމުތަކުގައި 17 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓާ-ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.

އަސްނާ އެމަޤާމަށް އައްޔަނުކޮށްފައި މިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްނާ އެ މަޤާމަށް އައްޔަން ކުރުމާމެދު ވޯޓަށް އަހައި، ވޯޓްގައި ބައިވެރިވެވަޑައިގަތް 73 މެމްބަރުން ވަނީ އަސްނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ އައްޔަން ކުރައްވަން ނިންމަވައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30ގައެވެ.

އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. މާލިއްޔަތު ކޮމިޓީން ވަނީ އަސްނާއާ އިންޓަވިއުކޮށް އޭނާއަކީ ޤާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އެ މަގާމަށް އޭނާ އައްޔަން ކުރަން ފާސްކޮށްފައެވެ. ކޮމިޓީން އެގޮތަށް ކަނޑައެޅީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

 

 

 

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ